ރައީސް ޑރ. މުހައްމަދު މުއިއްޒު "ޤަޟާއީ އަހަރު 2026" އިފުތިތާހުކޮށް ދެއްވައިފި އެވެ.
އެ މަނިކުފާނު "ޤަޟާއީ އަހަރު އިފުތިތާހުކޮށް ދެއްވީ މިކަމަށް ޓަކައި ހުޅުމާލޭގައި ހުންނަ ސެންޓާ ފޯ ހަޔާ ސެކަންޑަރީ އެޑިޔުކޭޝަންގެ ޖަލްސާކުރާ މާލަމުގައި މިރޭ ބޭއްވި ރަސްމިއްޔާތުގަ އެވެ.
ޤަޟާއީ އަހަރު އިފުތިތާހު ކުރެއްވުމުގެ ރަސްމިއްޔާތަކީ، އައު ޤަޟާއީ އަހަރަކަށް ކުރިމަތިލާއިރު ފާއިތުވި އަހަރު ކުރެވިފައިވާ މަސައްކަތްތައް ފާހަގަ ކުރުމާ އެކު، ފާއިތުވި އަހަރުގެ ތަޖުރިބާގެ އަލީގައި ޝަރުއީ ގޮތުންނާއި، އިދާރީ ގޮތުން ޝަރުއީ ދާއިރާ ހަރުދަނާ ކުރުމަށް ޓަކައި، އައު އަހަރުގެ ލަނޑުދަނޑިތައް ކަނޑައަޅައި، ޝަރުއީ ކޯޓުތަކުގެ ފަނޑިޔާރުންނާއި، މުވައްޒަފުން އެއް މާހައުލަކުން ބައްދަލު ވުމުގެ ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގައި ކޮންމެ އަހަރަކު ބާއްވާ އިހުތިފާލެކެވެ.
ޤަޟާއީ އަހަރު އިފުތިތާހު ކުރެއްވުމުގެ ރަސްމިއްޔާތުގައި، ޝަރަފުވެރިކަމާއެކު މުސްކުޅި ކުރައްވާފައިވާ ފަނޑިޔާރުން ތަކްރީމު ކުރެއްވުން ކުރިއަށްދިޔަ އެވެ. މި ރަސްމިއްޔާތުގައި ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަބްދުލްގަނީ މުހައްމަދު ވަނީ ޤަޟާއީ ބަޔާން އިއްވަވާފަ އެވެ.
މި ރަސްމިއްޔާތުގައި، ޝަރުއީދާއިރާއަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ފަނޑިޔާރުންނާއި، މުވައްޒަފުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ހަނދާނީ ފިލާ ހަވާލު ކޮށްފައިވެ އެވެ. މި ފިލާ އެ ފަރާތްތަކާ ހަވާލުކޮށް ދެއްވާފައި ވަނީ، ރައީސް ޑރ. މުއިއްޒެވެ.
މީގެ އިތުރުން، ޝަރުއީދާއިރާއަށް އެކި ގޮތް ގޮތުން އެހީތެރިވެ ދެއްވާފައިވާ 7 ބޭފުޅަކަށް އެ ކަމުގެ އަގު ވަޒަން ކުރުމުގެ ގޮތުން ހަނދާނީ ފިލާ ހަވާލު ކޮށްފައިވެ އެވެ. ފިލާ އެ ފަރާތްތަކާ ހަވާލުކޮށް ދެއްވާފައި ވަނީ، އުއްތަމަ ފަނޑިޔާރެވެ.
ކޮމެންޓް