އުތުރުގެ ތަރައްގީގެ ދޮރާށިން އެންމެ ގިނަ ޑޮލަރާއި ފައިސާ ވެއްދުމުގެ ފުރުސަތު އޮތީ ކުޅުދުއްފުށީ ސިޓީއަށް ކަމަށް ފިޝަރީފް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ކޮންގްރެސް ޕާޓީގެ ކުޅުދުއްފުށި ސިޓީގެ ކެމްޕެއިން އިފުތިތާހު ކުރުމަށް މިރޭ ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ސަރުކާރުން އެދަނީ އެކަން އެކަމުގައި ހުރިހާ މަގެއް ފަހިކޮށްދެމުން ކަމަށާއި ނަމަވެސް ކަންކަން ކުރެވޭނީ ކުރަން ދަންނަ ތަރައްގީއަކީ ކޮބައިކަން އެނގޭ ބަޔަކަށް ކަމަށެވެ.
ޝިޔާމް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުޅުދުއްފުށީ ސިޓީގެ ތަރައްގީއަށް ގެންގުޅޭ ތަސައްވަރު ހަގީގަތަކަށް ހަދަން ސަރުކާރާ އެކު މަސައްކަތް ކުރާނެ ކައުންސިލަރުން އިންތިހާބު ކުރަން ޖެހޭ ކަމަށާއި އަދި އެކަން ކުރުމުގެ ހިތްވަރު ވެސް އެ ސިޓީގެ ރައްޔިތުންގެ ކިބައިގައި ހުންނަންޖެހޭ ކަމަށެވެ.
"އުތުރުގެ ތަރައްގީގެ ދޮރާށިން އެންމެ ގިނަ ޑޮލަރާ އެންމެ ގިނަ ފައިސާ ވެއްދޭނީ މި ސިޓީއަށް. އެކަމަކު އެކަން ކުރަން އެނގޭ ބަޔަކަށް ތާ އެކަން ކުރެވޭނީ،"
"އެކަންކަން ހާސިލްކޮށްދޭން މަސައްކަތްކުރާ ސަރުކާރަކާ އެކީގައި އަތުގައި ހިފައިގެން ތިބި ކެންޑިޑޭޓުންތަކަކަށް ކައުސިލަރުން ތަކަކަށް ވާން އެބަޖެހޭ. އެއީ މި ސިޓީގެ މޭޔަރު އިބްރާހީމް ހަސަނަކީ. އެއީ މި ޑަބްލިޔުޑީސީގެ ރައީސާ ހަދީޖަތު މޫސާ އަކީ. އެބޭފުޅުން އެކަން ކުރައްވާނީ. ފިނި އައްޓެއް ނާޅުއްވާނެ. ފިނި މައިޒާނެއް ނާޅުއްވާނެ. މި ސިޓީގެ ރައްޔިތުންގެ ޖީބުތައް ތަނަވަސް ވާނެ ހުރިހާ ކަމެއް ކޮށްދޭނެ. ޖީބުތައް ތަނަވަސް ވީމަ އިޖުތިމާއީ ހަމަޖެހުން ވެސް އަންނާނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.
ކޮމެންޓް