މަސްޖިދުލް ޔޫސުފުލް ބަރުބަރީ މިސްކިތުގެ އައު އިމާރާތް މި މަހުގެ 16 ވަނަ ދުވަހު އަލުން ހުޅުވަން ނިންމައިފި އެވެ.
މި ކަން ހާމަ ކުރައްވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ބަރުބަރީ މިސްކިތް މި މަހުގެ 16 ވަނަ ދުވަހުގެ އަސްރު ނަމާދަށް ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ތިން ބުރިއަށް އިމާރާތްކުރާ މި މިސްކިތަކީ 1400 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މިސްކިތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގަ އެވެ. މިއީ އަމިއްލަ ފަރާތަކުން ބިނާކުރާ މިސްކިތެކެވެ.
މިނިސްޓަރު ވިދާޅުވީ ވިލި މާލެ މަސްޖިދުއްސަލާމް އަދި ޒިކުރާ މިސްކިތުގެ އަމަލީ މަސައްކަތް ވެސް ރޯދައިގެ ފަހުން ފެށިގެންދާނެ ކަމަށާއި ރޯދަ މަސް ކައިރި ވެފައި އޮތުމުން މިތަންތަން ތަޅާ ނުލައި މަސައްކަތް ފެށުން ލަސްކޮށްލީ ރައްޔިތުންނަށް ދަތިވެދާނެތީ ކަމަށެވެ. މި ދެ މިސްކިތް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ސްޕޮންސާ ލިބިފައިވާކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.
މިނިސްޓަރު ޝަހީމް އިތުރަށް ވިދާޅުވީ، މި މިސްކިތްތައް ޒަމާނީ ފެންވަރަށް ތަރައްޤގީކުރެވުމާ އެކު، މާލެ ސަރަހައްދުގައި ހުންނާނީ ބާ މިސްކިތަކަށް ހެންވޭރު އަފީފުއްދީން މިސްކިތް އެކަނި ކަމަށެވެ. އަދި އެތަނަށް ވެސް އެހީ ހަމަޖެހިގެންދާނެ ކަމަށާއި މާފަންނު ބޮޑުގެ މިސްކިތުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އަދި އެ މިސްކިތުގެ މަސައްކަތް އަންނަ އަހަރު ރޯދައަށް ނިމޭން ކަމަށާއި ހިރިގަލުގެ އާސާރީ މިސްކިތްތައް އާސާރީ ތަންތަންގޮތުގައި ދަމަހައްޓާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ކޮމެންޓް