މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވައިގެ ދަތުރުފަތުރުގެ ސިނާއަތަށް ހާއްސަކޮށްގެން "ވެލާނާ އެވޯޑްސް"ގެ ނަމުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް އެވޯޑެއް ތައާރަފު ކޮށްފި އެވެ.
އެމްއޭސީއެލުން ބުނީ މި އެވޯޑަކީ ދަތުރުފަތުރުގެ ގުޅުންތައް ވަރުގަދަ ކުރުމަށާއި ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށާއި އަދި ދަތުރުވެރިންނާއި ވިޔަފާރިވެރިންގެ މެދުގައި މަގުބޫލު މަންޒިލެއްގެ ގޮތުގައި ރާއްޖެ ދެމެހެއްޓުމަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ޕާޓްނަރުން ކުރާ އަގުހުރި މަސައްކަތް ފާހަގަކޮށް، އެ ކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ކޮންމެ އަހަރަކު ދޭން ކަނޑައަޅާފައިވާ އެވޯޑެއް ކަމަށެވެ.
މި އަހަރުގެ އެވޯޑުގައި 3 ދާއިރާއަކުން 22 އެވޯޑް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
އެވޯޑް ދިނުމަށް ހަމަޖެހިފައިވާ މައިގަނޑު ކެޓަގަރީތަކުގެ ތެރޭގައި ހިމެނެނީ ފަސެންޖާ އެވޯޑްސް، ކާގޯ އެވޯޑްސް އަދި ލައުންޖް އެވޯޑްސް އެވެ. އޭގެ އިތުރުން އަހަރުގެ އެއާލައިން ފާހަގަކޮށް ހާއްސަ އެވޯޑެއްވެސް ދޭން ވަނީ ނިންމައިފަ އެވެ.
މި އަހަރުގެ އެވޯޑް ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 12 ވަނަ ދުވަހުގެ ރޭ ކްރޮސްރޯޑްސް މޯލްޑިވްސްގަ އެވެ.
ކޮމެންޓް