ހައްޖުވެރިންގެ އަތުން ނަގާ އަގަށް ބަދަލެއް ނުގެނެސް، ހައްޖުވެރިންނަށް ދެމުންދާ ހިދުމަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ގެނެވި، ލުއިފަސޭހަކަން ގެނެސްދެވިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ހައްޖާޖީންނަށް ލުއިފަސޭހަކަން ފޯރުކޮށްދިނުމަށް ސައުދީ ސަރުކާރުން ފަށާފައިވާ މައްކާ ރޫޓު އިނީޝިއޭޓިވްގެ ދާއިމީ މެމްބަރުކަން 8 ވަނައަށް ލިބުނު ގައުމުގެ ގޮތުގައި ރާއްޖެ ހަމަޖެހި ދިވެހި ހައްޖާޖީންނަށް ދުވަހަކު ވެސް ލިބިފައިނުވާ ޒަމާނީ ފަސޭހަކަން ވަނީ ލިބިގެން ގޮސްފައިވާ ކަމަށާއި، މިނާގައި ދިވެހިންނަށް ޒަމާނުންސުރެ ލިބެމުން ދިޔަ ސީ ކެޓެގަރީގެ ހިދުމަތުން ބީ ކެޓަގަރީއަށް މަތިކޮށް، ހިދުމަތްތައް ބޮޑުތަނުން ރަނގަޅު ކުރެވިފައިވާނެ ކަމަށެވެ.
އަދި މީގެ އިތުރުން މައްކާއިން މަދީނާއަށް ބަހުގައި ކުރަމުން އައި ދިގު ދަތުރު، ފުރަތަމަ ފަހަރަށް ހައި ސްޕީޑް ރޭލުގައި ކުރަން ފަށާފައިވާކަން ވެސް ރައީސް ފާހަގަ ކުރެއްވި އެވެ.
މީގެ އިތުރުން ހައްޖުގެ އަޅުކަމުގެ ތެރޭގައި ދިވެހިންނަށް ހިލޭ ބޭސްފަރުވާގެ ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސުމާއި އަދި ހައްޖުވެރިންގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި ސައުދީ އަރަބިއްޔާގެ ހޮސްޕިޓަލަކާ އެކު އެއްބަސްވުމެއް ގާއިމުކޮށް ހައްޖުވެރިން ތިބޭ ހޮޓަލުގައި ފެންވަރު ރަނގަޅު މެޑިކަލް ކްލިނިކެއްގެ ހިދުމަތް ދޭން ވެސް ފެށިފައިވާކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވި އެވެ.
މައްކާއާއި މަދީނާގެ ހުރުމާއި، އަދި ގުޅިފައިވާ އެހެންކަންކަން ވެސް ހިމެނޭހެން މި އަހަރުގެ ހައްޖާ ގުޅޭ ކަންކަން ސައުދީގައި އެންމެ ފުރަތަމަ 100 ޕަސެންޓު ފުރިހަމަކުރި 8 ގައުމުގެ ތެރޭގައި ރާއްޖެ ހިމެނޭކަން ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަ ކުރައްވާފަ އެވެ.
އަދި ހައްޖުގެ ކަންކަމުގައި ސައުދީ ސަރުކާރުގެ ފަރާތުން ދޭ ފުރިހަމަ އެއްބާރުލުމަށް ވެސް ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްއާއި ވަލީއަހުދު މުހައްމަދު ބިން ސަލްމާނަށް ރައީސް ވަނީ ޝުކުރު އަދާ ކުރައްވާފަ އެވެ.
ކޮމެންޓް