ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހިނގަމުންދާގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައްލަވާލައްވައިފި އެވެ.
މި މަޝްރޫއުގެ މަސައްކަތް ހިނގަމުންދާ ގޮތް ބައްލަވާލެއްވުމަށް ރައީސް މިއަދު ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތުން މަސްމާރުކޭޓު ސަރައްހައްދުގައި މަގު ތަރައްގީ ކުރުމަށް ކަނޑައަޅާފައިވާ ސައިޓަށް ވަޑައިގެން އެ މަނިކުފާނު ވަނީ އެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރިއަށް ގޮސްފައިވާ މިންވަރު ވަޒަން ކުރައްވާފަ އެވެ.
ރައީސް އެ ސަރަހައްދަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުހަބާ ދެންނެވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.
ބޮޑުތަކުރުފާނު މަގުގެ ދެ ވަނަ ސެގްމެންޓުގައި ހަދާނީ ބޮޑުތަކުރުފާނު މަގުގެ ދެކުނު ފަރާތުން، މަސްމާރުކޭޓުން ފެށިގެން ނޯތު ހާބަރު ނިމޭ ހިސާބަށްވާ ސަރަހައްދެވެ. އެ ސަރަހައްދުގެ ވެސް މަގު ފުޅާކޮށް، ތާރު އަޅާނެ އެވެ.
ހައުސިން މިނިސްޓްރީން ކަނޑައަޅުއްވާފައި ވަނީ ރަސްމީ ފާލަމުން ފެށިގެން މަސްމާރުކޭޓާ ހަމައަށް މަގު ފުޅާކޮށް، ތާރު އެޅުމުގެ މަސައްކަތް ރަމަޟާން މަހުގެ ކުރިން ނިންމެވުމަށެވެ.
މިދިޔަ އަހަރުގެ އޭޕްރީލް 9ގައި އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ، ބޮޑުތަކުރުފާނު މަގު، ތަރައްގީކުރުމުގެ މަސައްކަތް ނިމުމުން ބޮޑުތަކުރުފާނު މަގު ވެގެންދާނީ ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވިފައިވާ، ފެން ހިންދާ ނިޒާމު ފަދަ އެންމެހާ ނިޒާމުތައް ގާއިމުކުރެވި، މަގު ފުޅާކުރެވި، ޓްރެފިކަށް ލުއިފަސޭހަކަން ލިބި، ދުއްވާ ތަކެއްޗަށާއި ހިނގާބިނގާވާ އެންމެހާ ރައްޔިތުންނަށް ހިތްފަސޭހަ މަގަކަށެވެ.
ބޮޑުތަކުރުފާނު މަގުގައި ތާރު އަޅައިގެން އަލުން އެ މަގު ހެދުމަށް ކުރިއަށްގެންދާ މި މަޝްރޫއުގައި ހިމެނިގެން ޖުމްހޫރީމައިދާން ކައިރިން މާރުކޭޓާއި ރަސްމީ ފާލަމާ ދެމެދު، ފަޅުތެރެއިން ބައެއް ހިއްކައިގެން، ހަތަރު ލޭނަށްވާ ގޮތަށް މަގު ފުޅާކޮށް ތާރު އަޅައިގެން މަގުހަދައި، އެ ސަރަހައްދު ހުޅުވީ 2025 ޑިސެންބަރު މަހު އެވެ.
ކޮމެންޓް