މި އަހަރުގެ މާރިޗު މަހުން ފެށިގެން، ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހު، ނޫސްވެރިންނާ ބައްދަލު ކުރައްވާނޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި، ރައްޔިތުންގެ މަޖިލިސް މި ދައުރަށް އިފުތިތާޙުކޮށްދެއްވައި، 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ރައީސް ވިދާޅުވީ، ދަތުރެއް ކުރަން ޖެހިވަޑައިގަތުން ނުވަތަ ބަންދު ދުވަހަކާ ދިމާވުން، ނުވަތަ އެ ނޫންވެސް ޝެޑިޔުލަށް ބަދަލު އަންނަ ފަދަ ކަމެއް މެދުވެރި ނުވާހާ ހިނދަކު، ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހު ހެނދުނު 10:00 އިން 11:00 އަށް، އެމަނިކުފާނު ނޫސްވެރިންނާ ބައްދަލު ކުރައްވާނޭ ކަމަށެވެ.
އަދި ހަމަ އެހެންމެ، މި އަހަރުގެ މާރިޗު މަހުން ފެށިގެން، ކެބިނެޓުގެ ކޮންމެ ވަޒީރަކު ވެސް، ހަފުތާއަކު އެއް ފަހަރު، އެއް ގަޑިއިރަށް ނޫސްވެރިންނާ ބައްދަލުކުރައްވާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި މި ބައްދަލުވުންތަކުގެ ތާވަލު ރައީސް އޮފީހުން ހާމަކުރައްވަމުން ގެންދަވާނޭކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވިދާޅުވީ، ރައްޔިތުން ސާފުކުރައްވަން ބޭނުންފުޅުވާ މައުލޫމާތެއް ވާނަމަ، އެކަމަށް އެދި ފޯމު ހުށަހެޅުމުން، ގާނޫނީ ހުދޫދުގެ ތެރެއިން ހާމަކުރެވެން އޮތް އެންމެ ފުޅާ މިނެއްގައި، ސަރުކާރުގެ ހުރިހާ އިދާރާއަކުން ދަނީ މައުލޫމާތު ހާމަކުރައްވަމުން ކަމަށެވެ.
އެގޮތުން، މިދިޔަ އަހަރު ތެރޭގައި ރައީސް އޮފީހަށާއި، މިނިސްޓްރީތަކަށް ފޮނުވި އާރްޓީއައި 93 އިންސައްތައަށް ވަނީ ޖަވާބުދީ ނިމިފައި ކަމަށާއި، ޖަވާބު ތައްޔާރު ކުރުމުގެ އެކި މަރުހަލާތަކުގައި އެއްކުރަންޖެހޭ އިތުރު މައުލޫމާތު ހުރުމާއި، އެކި ސަބަބުތަކާހުރެ ވަގުތު އިތުރު ކުރަން ޖެހުމުގެ ސަބަބުން އަދި ޖަވާބު ނުދެވި ހުރި އާރްޓީއައި ފޯމުތަކަށް ވެސް ދަނީ ޖަވާބުތައް ތައްޔާރު ވަމުންކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ.
އަދި ހަބަރުފަތުރާ ވަސީލަތްތަކާއި މީސްމީޑިއާގެ މަންސަތައް މެދުވެރިކޮށްގެންވެސް ސަރުކާރުން ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދެމުން ގެންދާކަން، އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
ކޮމެންޓް